ރަށުގެ ތަޢާރަފު

ތިލަދުންމަތީ އުތުރުބުރީ ބާރަށަކީ އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 14 ވަނަ ރަށެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށް އޮންނަނީ ބާރަށު މެދުން ފިއްލަދުއަށް 17 ޑިގްރީގައެވެ. ހަނިމާދޫ ކޮޅުން ބާރަށު ކޮޅަށް 213 ޑިގްރީގައެވެ. ލެޓިޓިއުޑް ( އީސްޓް ) 7312.442 ލޮންގި ޓިއުޑް 76.49.91 ( ނޯތު ) ގައެވެ. ރަށުގެ ބޮޑުމިނުގައި 249 ހެކްޓަރ ހުރެއެވެ. މިރަށަށް ދެވިފައިވާ އަކުރަކީ A-16 އެވެ. މިރަށާއި އެންމެ ކައިރިއަށް މީހުން ދިރިއުޅޭ ރަށަކީ ރަށުގެ އުތުރުން ހއ. ފިއްލަދުއެވެ. ދެކުނުނުން ހދ. ހަނިމާދުއެވެ. ރަށުގެ ހުޅަނގު ފަރާތުން ހއ. މުރައިދުއެވެ. ރަށާއި އެންމެ ކައިރީގައި އޮންނަ ފަޅުރަށަކީ ހއ. މާފައްސެވެ. ރަށުގެ ފަޅު މަޑުވެ ވަދެނުކުރުމަށް ފަސޭހަކަމުގެ ގޮތުން މިރަށް ވަނީ މަޝްހޫރު ރަށަކަށް ވެފައެވެ.

މިރަށަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން ވަރަށް ހިތްގައިމު ރީތި މާހައުލަކާއި، ހިތްފަސޭހަ ވެއްޓެއް އޮންނަ އަދި ވަރަށް ރައްކާތެރި ލަފާފުރަން ފަސޭހަ ފަޅެއް އެކުލެވިގެންވާ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރި ވީއްސުރެން މީހުން އާބާދުވެ ދިރިއުޅެމުންދާ ރަށަކަށްވުމާއި، ރަށުގެ މީހުންނަކީ އެމީހުންގެ އަމިއްލަ މަސައްކަތުން ހައްދާ ގޮވާމުގެ ބާއްވަތްތަކާއި، ރާވެރިކަމާއި ، މަސްވެރިކަމުގެ މަސައްކަތުން ކައިބޮއި އުޅެމުންއައި ރައްޔިތަކު ދިރިއުޅޭ ރަށަކަށްވުމާއި، އަދި އަމިއްލަ މަސައްކަތުން އޮޑިދޯނި ފަހަރު ބަނުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަތްތެރިމަސައްކަތާއި، ހިރިގަލާއި ވެލިގަލުގެ މަސައްކަތްކޮށް އުޅޭ ބަޔަކަށް ވުމާއި، މީގެ އިތުރުން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ބަންޑާރައިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި ރަށަށްވުމާއި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވިޔަޒޯރު އަތޮޅުވެރިކަން ކުރެއްވި ރަށަށްވުމާއި، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީވެސް މިރަށަށްވުމާއި، އަދި ތާރީޚީ ގޮތުން މުހިންމު ތަންތަނާއި، ގިނަ ހާދިޞާ ތަކެއް ހިނގާ މިހާރުވެސް އެފަދަ ތަންތަން ފެންނަން ހުރި ރަށެކެވެ.

ތިލަދުންމަތީ އުތުރުބުރީ ބާރަށަކީ އަތޮޅުގައި މިހާރު މީހުންއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ބޮޑު 05 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 2019 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް 2077 އެވެ. އެއީ 1022 އަންހެނުންނާއި، 1055 ފިރިހެނުންނެވެ.