ހއ. ބާރަށުގައި ” މޫދު ކަސްރަތުން އުފާވެރިކަން” މިނަމުގައި ޕްރޮގުރާމެއް ފެށިއްޖެ.
މިރަށުގައި މޫދު ކަސްރަތު ޕްރޮގުރާމެއް ” މޫދު ކަސްރަތުން އުފާވެރިކަން ” މިނަމުގައި ރޭވަނީ ފެށިގެން ގޮސްފައެވެ. ރޭގެ ފެށުމުގެ ޖަލްސާގައި ސަރަފްވެރި މެހެމާނު އތމ ކޮމެޓީގެ ރައީސާ ވިދާޅުވީ” މިފަދަ ޕްރޮގުރާމެއް ރަށުގައި ހިންގުމުގެ މައިގަނޑު ބޭނުމަކީ ބަލިތަކުން ރައްކާތެރިވެ އުޅެވޭނެ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ބޭނުމުގައި ކަމުގައެވެ. އަދި މިފުރުޞަތު ފަހިވެގެން ދިޔަކަމަށްޓަކާއި އެމްއެންޑީއެފްގެ ވެރިންނަށް ޝުކުރު އަދާކުރާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ޕްރޮގުރާމްތައް ހިންގުމުގެ ވިސްނުން ހުރިކަމާއި، ރައްޔިތު އަންހެން ވެރިންގެ އެއްބާރުލުން އެކަންކަމުގައި ނުހަނު ބޭނުންވާކަމަށެވެ.”
މި ޕްރޮގުރާމަކީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ބާރަށު ކައުންސިލް، ބާރަށު ޕޮލިސް ސްޓޭޝަން އަދި އެމްއެންޑީއެފް ގުޅިގެން 21 ދުވަހުގެ މުއްދަތަށް ހިންގަމުންދާ ޕްރޮގުރާމެކެވެ. ހެނދުނާއި ރޭގަނޑު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިމިވާ ޕްރޮގުރާމުގައި ދެޖިންސްގެ ޖުމްލަ 80 ބައިވެރިން ބައިވެރިއެވެ. މި ޕްރޮގުރާމް ރާވާލެވިފައިވަނީ މޫދުގައި ކުރާ ކަސްރަތު ތަކާއި އެއްގަމު ކަސްރަތު ތަކުގެ އިތުރުން އެހެނިހެން މަޢުލޫމާތު ސެޝަންތަށްވެސް ކުރިއަށް ގެންދާގޮތަށެވެ. ޖުމްލަ 03 އިންސްޓްރަކްޓަރ އިން ބައިވެރިވާ އިރު އެ ހުރިހާ ފަރާތްތަކަކީވެސް އެމްއެންޑީއެފްގެ ބޭފުޅުންނެވެ.