ބާރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމަށް ނެގި މުވައްޒަފުންނާއެކު މިއަދު މަސައްކަތް ފަށައިފި

ފާއިތުވެ ދިޔަ 04 ވަރަކަށް އަހަރުތެރޭގައި ރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށްބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން އަމަލު ކުރަމުންގެންގޮސްފައިވަނީ ރަށުގެ އުތުރާއި ދެކުނު ސަރަޙައްދަށް ވަކިން އިޢުލާންކޮށް އަންހެން
ކަނބަލުން ނަގައިގެން ކުރާ އުޞޫލަކުންނެވެ. ނަމަވެސް ފާއިތުވެ ދިޔަ އަހަރު ދެކުނު ސަރަޙައްދު ސާފުކޮށްދިނުމަށް އެކި ފަހަރުމަތިން އިޢުލާނު ކުރުމުންވެސް އެކަށީގެންވާ ވަރަށް މީހުން ޝަޢުގުވެރިކަން ފާޅުކޮށްފައިނުވާތީ، ދެކުނު ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އެއަހަރުގެ ފަހުކޮޅު ކޮށްފައިވަނީ ކޮންޓްރެކްޓް އުޞޫލުން އާންމު ފަރާތަކާއި ޙަވާލުކޮށްގެންނެވެ.


މިއަހަރުގެ ފުރަތަމަ 02 މަހުވެސް ކައުންސިލުން މަސައްކަތް ކޮށްފައިވަނީ ކުރީގައިވެސް ގެންދިޔަ އުޞޫލުން އަންހެން ކަނބަލުން ނަގައިގެން އެކަން ކުރިއަށް ގެންދެވޭތޯއެވެ. ނަމަވެސް ދެކުނު ސަރަޙައްދު ސާފުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ މަދު މީހެކެވެ. އެހެންކަމުން ކައުންސިލުން މަސްވަރާކުރުމަށްފަހު ނިންމާފައިވަނީ ދެސަރަޙައްދު އެއްކޮށްލައިގެން ސާފުކޮށްދިނުމަށް ޝައުވެރިކަން ހުރި ބަޔަކު ވޭތޯ ބެލުމަށެވެ. އެގޮތަށް ދެފަހަރު މަތިން އިޢުލާނުކުރުމުންވެސް އެކަށީގެންވާގޮތެއްގައި ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އެހެންކަމުން ކައުންސިލުން އަލުން މަސްވަރާކޮށް ނިންމާފައިވަނީ ކޮންޓްރެކްޓް އުޞޫލުން 08 މުވައްޒަފުން ނެގުމަށްފަހު އެމަސައްކަތް ޙަވާލުކޮއްގެން ކުރިއަށް ގެންދިއުމަށެވެ. އެކަމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވި އިރު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 05 ފަރާތުންނެވެ. ނަމަވެސް މުވައްޒަފުންގެ ގޮތުގައި ނަގާފައިވަނީ އޭގެ ތެރެއިން 04 ފަރާތެކެވެ. މިއަދަކީ އެމުވައްޒަފުން މަސައްކަތަށް ނުކުންނެވި ފުރަތަމަ ދުވަހަވެ. ކުރިއަށްއޮތް ތަނުގައި ކައުންސިލުން ނިންމާފައިވާ އުޞޫލުގެ މަތިން މުވައްޒަފުން ހަމަވެ، މަސައްކަތް ކުރިއަށްގެންދެވޭތޯ މިދަނީ ބަލަމުންނެވެ. ކައުންސިލުން މަސައްކަތް ކުރަމުންގެންދަނީ ރަށުގެ އިޖުތިމާއީ ސަރަޙައްދަކީ އަބަދުވެސް ސާފުތާހިރުކޮށް އޮންނަ ތަނެއްކަމުގައި ހެދުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *